ހަމާސްގެ އަތްދަށުން ހުރިހާ އަސީރުން އަނބުރާ ގެންނާނަން: ނަތަންޔާހޫ

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސް އިން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ ހުރިހާ އަސީރުން މިނިވަންކޮށް، އަނބުރާ ގެންނާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ވަނީ ވައުދުވެފައެވެ.
ނަތަންޔާހޫ މިފަދައިން ވައުދުވެފައި މިވަނީ، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ މެދުކަނޑާލުމަށް އިސްރާއީލުން އެއްބަސްވެފައިވާ ކަމަށް ބުނެވޭ ދަނޑިވަޅެއްގައި، އެކަމާ ގުޅިގެން އިސްރާއީލަށް ކުރިމަތިވެފައިވާ ޕްރެޝަރު އިތުރުވެފައިވާ ވަގުތެއްގައެވެ.
2023 ވަނަ އަހަރު ފެށުނު މި ހަނގުރާމައިގައި ހަމާސްގެ އަތްދަށަށް އެންމެ ގިނަ މީހުން ގޮސްފައިވާ ނިރް އޯޒް ކިބުޓްޒްގެ ރައްޔިތުންނާ ވާހަކަދައްކަމުން ނަތަންޔާހޫ ބުނެފައިވަނީ، "އަހަރުމެން އެ އެންމެން އަނބުރާ ގެންނާނަން" ކަމަށެވެ. އަދި އޭނާގެ އެންމެ އިސް އަމާޒަކީ ހުރިހާ އަސީރުން އަނބުރާ ގެނައުން ކަމުގައި ވެސް ބުނެފައިވެއެވެ.
ޣައްޒާގެ ހަނގުރާމަ މެދުކަނޑާލުމަށް އެމެރިކާއިން ހުށަހަޅާފައިވާ އެއްބަސްވުމަކަށް އިސްރާއީލުން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. މި އެއްބަސްވުމުގެ ދަށުން ހަނގުރާމަ މެދުކަނޑާލެވޭނީ 60 ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތުގެ ތެރޭގައި ދެފަރާތުން ވެސް ހައްޔަރުކޮށްފައިވާ މީހުން މިނިވަންކޮށް، ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާކުރެވޭނެ ކަމަށް ވެއެވެ.
މި އެއްބަސްވުމާ ގުޅޭ އިތުރު މަޝްވަރާތައް ކުރުމަށާއި ހަނގުރާމައާ ގުޅޭ އެހެނިހެން ކަންކަމާ މެދު ވާހަކަދެއްކުމަށް، ނަތަންޔާހޫ އަންނަ ހަފްތާގައި އެމެރިކާގެ ރައީސް ޓްރަމްޕްއާ ބައްދަލުކުރުމަށް އެމެރިކާއަށް ދަތުރެއް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރިއެކްޓް



