ޕީއެންސީ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށް، މަޖިލީހުގެ ޖަލްސާ ބާއްވަން ހުރަސް އަޅައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ މަޖިލިސް މެންބަރުންނަށް އިރުޝާދު ދެއްވުމަށް ބޭނުންކުރައްވާ ވަޓްސްއެޕް ގްރޫޕުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ބޭރުކޮށް, މިއަދު ހެނދުނު ބޭއްވުމަށް ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އޭނާ އިންނެވުމުން ޕީއެންސީގެ މެންބަރުން ވަނީ ކޯރަމް ގެއްލުވާލައި ޖަލްސާއަށް ހުރަސް އަޅާފައެވެ
އެ ގްރޫޕުގެ ހަމައެކަނި އެޑްމިން އަކީ ރައީސް މުއިއްޒު ކަމަށްވާއިރު، ނާޒިމް ބޭރުކޮށްލި ސަބަބެއް އަދި ސާފެއް ނުވެއެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުން މަޖިލިސް އިދާރާގައި ތިއްބެވި ނަމަވެސް، ނާޒިމް ރިޔާސަތުގައި އިންނެވުމުން އެއްވެސް މެންބަރަކު ތަޅުމަށް ވަދެވަޑައިގެންފައެއް ނުވެއެވެ.
މިއަދުގެ ޖަލްސާ ފެށުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރެއްވުމަށްފަހު، ކޯރަމް ހަމަނުވުމުގެ ސަބަބުން ނާޒިމް ވަނީ ޖަލްސާ ކެންސަލް ކުރައްވާފައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން 93 މެންބަރުންގެ ތެރެއިން 23 މެންބަރުން ހާޒިރުވެގެން ނޫނީ ޖަލްސާ ކުރިއަކަށް ނުގެންދެވޭނެއެވެ. އިދިކޮޅު އެމްޑީޕީގެ މެންބަރުން ތުހުމަތު ކުރައްވާ ގޮތުގައި ޕީއެންސީން މިކަން ކުރީ ގަސްދުގައި ނާޒިމްއާ ދެކޮޅަށް ހިންގާ ހަރަކާތެއްގެ ގޮތުގައެވެ.
ނާޒިމްއާ މެދު ސަރުކާރު ހިންގާ ޕާޓީގެ ތެރޭގައި ނުތަނަވަސްކަން ބޮޑުވެފައިވާއިރު، އޭނާ ވަނީ މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ އެސްއޯއީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވެސް ދާދިފަހުން ވަކިކޮށްފައެވެ. މީގެ އިތުރުން، ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުން ނާޒިމްގެ މައްޗަށް ސީރިއަސް ޖިނާއީ ތުހުމަތުތަކެއް ހިމެނޭ ބޮޑު ރިޕޯޓެއް ތައްޔާރުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.






ރިއެކްޓް