ދުނިޔެ

ކުވައިތުން ތެޔޮ އުފައްދާ މިންވަރު މަދުކޮށްފި

7 މާރިޗު 2026 - 21:17
ކުވައިތުން ތެޔޮ އުފައްދާ މިންވަރު މަދުކޮށްފި

މެދުިއރުމަތީގެ ހަނގުރާމަ ހޫނުވެ އެކްސްޕޯޓް ކުރުމަށް ހުރަސްއެޅި، ސަރަހައްދީ ކަނޑުދަތުރުފަތުރުގެ މަގުތަކަށް ނުރައްކާވަމުންދާތީ، ތެޔޮ އުފައްދާ މިންވަރު މަދުކޮށްފައިވާކަން ކުވައިތުން ބުނެފި އެވެ.

މި ނިންމުން އިއުލާންކުރީ ކުވައިތުގެ ދައުލަތުގެ ތެޔޮ ކުންފުނި، ކުވައިތު ޕެޓްރޯލިއަމް ކޯޕަރޭޝަނުންނެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ފިޔަވަޅަކީ މެދުއިރުމަތީގައި އީރާނާއި ހުޅަނގުގެ އިއްތިހާދުތަކާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޅި ފިޔަވަޅެކެވެ.

އެ ކުންފުނިން ހާމަކުރިގޮތުގައި ސާފުނުކުރާ ތެޔޮ އުފައްދާ މިންވަރާއި ރިފައިނަރީތަކުން ތެޔޮ އުފައްދާ މިންވަރު ވަނީ ވަގުތީ ގޮތުން މަދުކޮށްފައެވެ. ކުންފުނިން ބުނި ގޮތުގައި ތެޔޮ އުފެއްދުން މަދުކުރަން ޖެހުނީ ދުނިޔޭގެ ތެޔޮ ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މުހިންމު ކަނޑުގެ މަގެއް ކަމަށްވާ ސްޓްރެއިޓް އޮފް ހޯރްމޫޒް ހުރަސްކޮށް ދަތުރުކުރާ ޓޭންކަރުތަކަށް ހުރަސްތަކެއް ކުރިމަތިވަމުންދާތީ އެވެ. ސަލާމަތީ ނުރައްކާތައް ބޮޑުވުމާއި ދަތުރުފަތުރު ލަސްވުމުގެ ސަބަބުން، މެދުއިރުމަތީގެ ގައުމުތަކުން ބައިނަލްއަގުވާމީ ބާޒާރުތަކަށް ސާފުނުކުރާ ތެޔޮ އެކްސްޕޯޓް ކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

މި ހަނގުރާމަ ދިގުލައިގެން ގޮސް ދުނިޔޭގެ ސަޕްލައިއަށް ދަތިވެދާނެ ކަމުގެ ބިރު އޮތުމުން، ފާއިތުވި ދުވަސްތަކުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ބެންޗްމާކް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 90 ޑޮލަރަށް މަތިވެފަ އެވެ.

ކުވައިތުން ތެޔޮ އުފެއްދުން މަދުކުރީ ވަގުތީ ގޮތުން ކަމަށް ބުނި ނަމަވެސް، މި ދާއިރާގެ މާހިރުން އިންޒާރު ދޭ ގޮތުގައި މެދުއިރުމަތިން ތެޔޮ އުފެއްދުން މަދުކޮށްފިނަމަ، ދުނިޔޭގެ ތެލުގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ. މެދުއިރުމައްޗަކީ އަދިވެސް ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ސަރަހައްދަށް ވާއިރު، ތެޔޮ އުފެއްދުމަށް ނުވަތަ ދަތުރުފަތުރުގެ މަގުތަކަށް ކުރިމަތިވާ ކޮންމެ ހުރަހެއްގެ ސަބަބުން ދުނިޔޭގެ ތެލުގެ އަގަށް ވަގުތުން އަސަރުކުރެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0